މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން މިއަދު ވިދާޅުވީ، ރައީސް މުޢިއްޒު މިގޮތަށް ހަމަޖައްސަވާފައިވަނީ، ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ.
އެހެންކަމުން ރައީސްގެ މި ނިންމެވުމާ ގުޅިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންއައި ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ“ އަކީ، 2025 މާރިޗު 11ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ނިންމަވައި، ރައީސް އޮފީހުން މިއަދު ޝާއިޢުކުރެއްވި ނަންބަރު 5/2025 ދެންނެވުމުގައި ވަނީ އިޢުލާންކުރައްވާފައެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.



