އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފުވެފައި ވާތީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މާދަމާ (14 މާރޗް ވާ ހުކުރު) ދުވަހުގެ 16:00 އަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް މާޒް ސަލީމަށް ވަނީ އަންގާފައެވެ.
ފުލުހަށް ހާޒިރުވުމަށް އަންގާ އޭނާއަށް ފޮނުވި ޗިޓުގައި ބުނީ މާރޗް 12 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި މާޒް ސަލީމާއި އިތުރު ބަޔަކު ބައިވެރިވެގެން، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް މާލޭ ސިޓީގެ އެކި މަގުތަކަށް އެއްވެފައިވާ ކަމަށެވެ.
އަދި އަޑުގަދަކޮށް އާންމު ދަތުރުފަތުރަށް ހުރަސްއަޅާ އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައެވެ.
އެހެންކަމުން މާޒް ސަލީމް ފުލުހަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް އެ ޗިޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ޗިޓުގައި، ބުނީ ފުލުހަށް ހާޒިރުވުމަަށްފަހު ބާއްވާ ބައްދަލުވުމަށް ހޭދަ ވާނީ އެއް ގަޑި އިރާއި ތިރީސް މިނިޓު ކަމަށެވެ.



