ސުލްހަވެރި އެއްވުންތަކުގައި ނުވަތަ މުޒާހަރާތަކުގައި އެއްވެސް ބައެއްގެ ހައްޤުތަކަަށް އަރައިނުގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްއާރްސީއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުެނެފައިވަނީ، އިދިކޮޅު އެމްޑީޕީން މިފަހުން ބޭއްވި އެއްވުންތައް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އަދި އެއްވެ އުޅުމުގެ ހައްގު ގާނޫނީ އިމުގެ ތެރެއިން ފަހިކޮށްދިނުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އެޗްއާރްސީއެމުން ވަނީ ގޮވާލައިފައެވެ.
އެ ބަޔާނުގައި އެޗްއާރްސީއެމުން ވަނީ މުޒާހަރާ ކަވަރު ކުރަންދާ މީޑިއާތަކުގެ މަސައްކަތަށް ހުރަސް ނޭޅޭނެހެން މުޒާހަރާ ކަވަރު ކުރުމަށް ފުރުސަތު ދޭން ވެސް ގޮވާލައިފައެވެ.
މީގެއިތުރުން މުޒާހަރާގައި ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކުރުމަށް އެ ކޮމިޝަނުން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.
އިދިކޮޅުގެ މުޒާހަރާ ތެރެއިން އެޗްއާރްސީއެމްގެ މޮނީޓަރުންނަށް ފާހަގަވީ ކަންތައްތަކުގެ ތެރޭގައި، ރޭގެ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކަރާމަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް މުހާތަބުކޮށްފައިވާކަން އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ. އެއީ ހިޔާލު ލފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއިބމިފަދަ ކަންތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.



