ސަރުކާރުގެ ސްކޮލާޝިޕް އަދި ލޯނު އެހީގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބުމުގައި ދިމާވާ ލަސްތައް ޙައްލުކުރުމަށްޓަކައި ”ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްސް“ (ހެމްސް) ގެ ނަމުގައި އައު ޕޯޓަލްއެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ހާމަކުރައްވައިފިއެވެ.
މި މަޢުލޫމާތު ވަޒީރު ހާމަކުރެއްވީ ފަހަކަށް އައިސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބުމުގައި ދިމާވެފައިވާ ލަސްތަކާ ގުޅޭގޮތުން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ”ދެން“ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މިހާރު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ އެކަށީގެންވާ ނިޒާމެއް ޤާއިމުވެފައި ނެތުން ކަމަށް ފާހަގަކުރެއްވާ ވަޒީރު ވިދާޅުވީ މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ”ހެމްސް“ ގެ ނަމުގައި އައު ޕޯޓަލްއެއް ތައްޔާރުކުރަމުންދާ ކަމަށާއި، މި ޕޯޓަލް ތަޢާރަފުކުރެވުމުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިހާރު ސްޓައިޕެންޑް ފޮނުވުމުގެ މަސައްކަތް ކުރަމުން ދަނީ މެނުއަލްކޮށް ކަމަށާއި، މީގެ ސަބަބުން ގިނަ ވަގުތުތަކެއް މިކަމަށް ހޭދަވާ ކަމަށް ޒީރު ވިދާޅުވިއެވެ. ނަމަވެސް އާ ނިޒާމު ތަޢާރަފުކުރެވުމުން މި މައްސަލަތަކަށް އަވަސް ޙައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.
މީގެއިތުރަށް ވަޒީރު ވިދާޅުވީ، މިއީ ފައިސާއާ ގުޅުންހުރި މުޢާމަލާތްތަކަކަށް ވުމާއެކު، މާލިއްޔަތާބެހޭ ވުޒާރާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށާއި އެހެންކަމުން ބައެއް ފަހަރު ލަސްތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް ދަރިވަރުން ކުރިއާލާ މައްސަލަތައް ހުށަހަޅައިފިނަމަ އަވަހަށް ޙައްލު ހޯދައިދެވޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއާއިއެކު ވަޒީރު ދަރިވަރުންނަށް އިލްތިމާސްކުރެއްވީ، ވީހާވެސް އަވަހަކަށް މައްސަލަތައް ހުށަހެޅުމަށާއި ވަގުތުން ޙައްލުނުކުރެވޭ ކަންކަން ހުންނާނެ ކަމުން އެފަދަ ޙާލަތްތަކުގައި ކެތްތެރިކަމާއެކު ވަގުތު ދިނުމަށެވެ.
ކުރިން ވަޒީރު ވިދާޅުވެފައި ވަނީ، ބޭރުގައި ކިޔަވާ ދަރިވަރުންގެ މަޢުލޫމާތު ފުރިހަމަކޮށް އެޕްލިކޭޝަން ހުށަހެޅުމުން، ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ފައިސާ ދޫކުރާނެ ކަމަށެވެ.




