ކުރިއަށް އޮތް ފިޠުރު ޢީދުގެ މުނާސަބަތުގައި މާރިޗު 31 އިން އޭޕްރިލް 6 އަށް ސަރުކާރު ބަންދުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސްގެ މިނިންމެވުން ހާމަކުރައްވާ ރައީސް އޮފީހުން ވިދާޅުވީ މިއީ ފިޠުރު ޢީދުގެ ބަންދާ ގުޅިގެން ޢާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް މުވައްޒަފުންނަށް ފުރުޞަތު ދިނުމަށްޓަކައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ދެ ހާލަތެއް ހުށަހަޅުއްވާފައިވެއެވެ. ފުރަތަމަ ހާލަތުގައި، 1446 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1 ވަނަ ދުވަސް (ފިޠުރު ޢީދު ދުވަސް) އަކީ މާރިޗު 31 ވާ ހޯމަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަހުގެ އިތުރުން އޭޕްރިލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ.
ދެވަނަ ހާލަތުގައި، މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ފެނި، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ކަނޑައަޅައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަހުގެ އިތުރުން އޭޕްރިލް 2 ވާ ބުދަ ދުވަހާއި އޭޕްރިލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ.
މި ދެ ހާލަތުގައި ވެސް، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އޭޕްރިލް 6 ވާ އާދީއްތަ ދުވަހު ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.



