އދ. ދިގުރަށުގެ ތުނޑީގައި ހަރަކާތްތެރިވަމުންދިޔަ ޓޫރިސްޓުންތަކެއް ކައުންސިލަށް ދައްކަންޖެހޭ ފީ ނުދެއްކުމުގެ ސަބަބުން ބޭލުވި މައްސަލަ ތަޙުޤީޤު ކުރައްވާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރަށުގެ ތުނޑި ބޭނުންކުރާ ފަތުރުވެރިންގެ އަތުން ވަކި އަދަދެއްގެ ފައިސާ ނެގުމަށް ދިގުރަށުގެ ކައުންސިލުން ފާސްކޮށްފައިވާއިރު މި ގޮތަށް ކަނޑައަޅާފައި ވަނީ ރަށުގެ އަތިރިމަތި އަދި ތުނޑީގެ ސަރަހައްދު ބެލެހެއްޓުމަށް ކައުންސިލުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އެހެން ނަމަވެސް، ފީ ނުދައްކާ ތުނޑީގައި އުޅުނު ބައެއް ފަތުރުވެރިން ރަށުން ފޭބުމަށް ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން އަންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ފެތުރެން ފެށުމާއިއެކު މިނިސްޓަރު އާދަމް ޝަރީފް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިގުރަށުން ފެނުނު މަންޒަރަކީ ހިތާމަވެރި ކަމެއް ކަމަށާއި މި ހާދިސާ ހިނގާދިޔަ ގޮތް އޮޅުންފިލުވުމަށް ތަޙުޤީޤެއް ކުރިއަށް ގެންދާނެ ކަމަށެވެ.
”ރަށްރަށުގެ އާދަކާދަތަކާއި ސަގާފަތަށް އިޙްތިރާމްކުރުމާއެކު، ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެކަށޭނަ މެހެމާންދާރީއެއް ދިނުމަށް އަޅުގަނޑުމެން ބާރުއަޅަން،“ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި އުސޫލުތައް ހިފެހެއްޓުމާއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ.



