ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަނެ، ދޮގު ތުހުމަތުތަކާއި އިލްޒާމް އެޅުވި މައްސަލަ ބަލައި، އެފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޖިލިސް ރައީސް ވިދާޅުވީ، ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ، އަބުރާއި ޢިއްޒަތް ނަގާލައި، ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާތީ، އެފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ”ނާތަހުޒީބު ދަށުދަރަޖައިގެ“ ކަންކަން ހިނގާނަމަ، ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދާނުލައްވައި، އެފަދަ ކަންކަން ތަކުރާރު ނުކުރެވޭނެ ގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ މި ބަސްފުޅުތައް އަމާޒުވެފައިވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވިލަރެސްކޮށްގެން ބާއްވަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން އެއް އިހުތިޖާޖެއްގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެ އިހުތިޖާޖުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމުގެ މަންމަ، މަރްޔަމް ޒުބައިރު (މަންދީ) ވަނީ ވާހަކަތަކެއް ދައްކާފައެވެ.
މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ޤާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.



