ކެނެޑާގެ އައު ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މާކް ޖޯސެފް ކަރނީ، މަޤާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކެނެޑާގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވީ، އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ކެނެޑާގެ ބޮޑުވަޒީރު ކަރނީގެ ޒަޢާމަތުގައި އެޤައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި، ކެނެޑާގެ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.
މި މެސެޖުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ކެނެޑާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ކެނެޑާގެ އައު ބޮޑުވަޒީރު މާކް ޖޯސެފް ކަރނީ މިދިޔަ ހަފްތާ މަޤާމާއި ހަވާލުވެވަޑައިގެންފައިވާއިރު، އޭނާއަކީ ކެނެޑާގެ 24 ވަނަ ބޮޑުވަޒީރެވެ. ކެނެޑާގެ ލިބަރަލް ޕާޓީގެ ލީޑަރުކަން ކުރައްވާފައިވާ މާކް ކަރނީ ވަނީ ކުރިން ކެނެޑާގެ ފިނޭންސް މިނިސްޓަރުކަމާއި، ބޭންކް އޮފް ކެނެޑާގެ ގަވަރުނަރުކަންވެސް ކުރައްވާފައެވެ.



