އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދީ)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދަށާއި ރައީސްގެ ދެކަނބަލުންގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަށް، އެ ޕާޓީން ދިފާއުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ސަރުކާރު ހިންގާ ޕީއެންސީން ބުނެފިއެވެ.
އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ހިންގަމުންދާ މުޒާހަރާތަކެއްގައި، މަންދީ ވަނީ ރައީސް މުޢިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ރާއްޖޭގައި ”ވޭޕް“ ބޭނުންކުރުން އެމަނިކުފާނު މަނާ ކުރެއްވީ، ދަރިކަލުން ވޭޕްކުރުމުންކަމަށް ބުނެ މަންދީ ވަނީ ތުހުމަތު ކޮށްފައެވެ.
މަންދީ ދެއްކި ވާހަކަތަށް ކުށްވެރިކޮށް، ކުޑަކުދިންގެ ކަރާމާތަށް ގެއްލުން ނުވާނެ ގޮތަށް މުޒާހަރާކުރާ ފަރާތްތަކުން އެކަން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރްސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ގޮވާލާފައިވެއެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ، އެޗްއާރްސީއެމުންނާއި އީސީން ނެރުނީ ހަގީގަތެއް ނެތް ސިޔާސީ ބަޔާންތަކެއްް ކަމުގައި ބުނެ، މަންދީ ދެއްކި ވާހަކަތަށް ދިފާއު ކޮށްފައެވެ.
މިކަމާ ގުޅިގެން ޕީއެންސީން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ މުޒާހަރާގައި، މެޑަމް ސާޖިދާއާއި ރައީސްގެ ދެކަނބަލުންގެ ދަރިކަލުންނާ ގުޅޭގޮތުން މަންދީ ދައްކާފައިވަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ ގަނާކުރުމުގެ ހުތުރު އަމަލެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ޕީއެންސީން ބުނެފައިވެއެވެ.
”އެޗްއާރްސީއެމުންނާއި އީސީން ނެރުނު ބަޔާންތަކަކީ ކަމުގެ ހަގީގަތް ނުބަލާ ނެރުނު ބަޔާންތަކެއް ކަމުގައި އެމްޑީޕީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާއިރު، މި މައްސަލައިގެ އަސްލު ކަމުގައި ކަމުގައިވާ މަންދީ، ރައީސް މުޢިއްޒު ރާއްޖޭގައި ވޭޕް މަނާކުރެއްވީ ދަރިކަލުން ކުރެއްވި ކަމަކުންކަމަށް، ބުނެފައިވަނީ އެއްވެސް ހަގީގަތެއް ނެތި ރައްޔިތުންނަށް ގަސްތުގައި އޮޅުވާލައި ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައިކަން މުޠުލަޤަށް ފެންނަން އެބައޮތް“ ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެންސީން އިތުރަށް ބުނީ، ކަން މިހެން ހުރުމާއެކުވެސް އެމްޑީޕީގެ އެކްޓިވިސްޓު (މަންދީ) ގެ އެ އަމަލު ދިފާއުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ކަމުގެ ހަގީގަތް އިތުރަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ޕާޓީގެ ޗެއާޕަރސަން ކަމުގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ ޓްވީޓަކުންވެސް ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކޮށް މަންދީގެ އެ އަމަލު ދިފާއުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ޕީއެންސީން ބުނެފައިވެއެވެ.




