މިއަދު މެންދުރުފަސް ވަންދެން ކާޑު އަދި އޭޓީއެމްގެ ހިދުމަތްތަކަށް ބުރޫއުއަރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ރޭ ދަންވަރުން ފެށިގެން ބުރޫއުއަރާފައިވާތީ އެކަމާ ގުޅޭގޮތުން އެ ބޭންކުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިމާވެފައިވާ ޓެކްނިކަލް މައްސަލަތަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މައްސަލަ ހައްލު ކުރުމަށް ލަފާކުރި ވަގުތަށްވުރެ ގިނަ ވަގުތު ނަގަމުން އަންނަ ކަމަށެވެ.
އެހެންކަމުން މިއަދު މެންދުރުފަހު 2:30 އާ ހަމައަށް ބީއެމްއެލް ކާޑުގެ ހިދުމަތްތަކަށާއި އޭޓީއެމް އަދި ޕީއޯއެސް (ވިޔަފާރިކުރާ ތަންތަނުގައި ފައިސާ ދައްކަން ބޭނުން ކުރާ މެޝިނު) ގެ ޙިދުމަތްތަކަށް ބުރޫއުއަރާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
ނަމަވެސް ބީއެމްއެލް މޮބައިލް އަދި އިންޓަނެޓް ބޭންކިންގްގެ ހިދުމަތް މިހާރުވެސް ބޭނުން ކުރެވޭނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ބީއެމްއެލްއިން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.


