ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ދަރިކަލުންނާ ބެހޭގޮތުން އިދިކޮޅު އެމްޑީޕީން ފެތުރި ވާހަކަތަކާ ގުޅިގެން ދައުވާ ކުރައްވަން އެމަނިކުފާނުގެ އާއިލާގެ ފަރާތުން ނިންމަވައިފިއެވެ.
ރައީސް މުޢިއްޒުގެ އާއިލާގެ ފަރާތުން މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާޒިމާ ޝަކޫރް ވަނީ މެޑަމް ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވާ ދެއްވައިފައެވެ.
އެ ބަޔާނުގައި އެކަމަނާވަނީ، ދަރިކަލުންނާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ ފަރާތުން ފަތުރާފައިވާ ވާހަކަތަކާ ގުޅިގެން މަދަނީ ޝަރީއަތަށް މައްސަލަ ހުށަހަޅުއްވާ، ދައުވާ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އެގޮތުން މެޑަމް ސާޖިދާގެ ފަރާތްޕުޅުން އެ ދައުވާ ކުރައްވަން ނިންމަވާފައިވަނީ މި ވާހަކަތަށް ފެތުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ މަރިޔަމް ޒުބައިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް އަދި އެ ޕާޓީގެ މައްޗަށެވެ.
މިއަދު އިއްވެވި ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ އެކަމަނާގެ ދަރިކަލުންނަކީ ވޭޕްއާއި ދުންފަތުގެ އިސްތިއުމާލުވެސް އެއްވެސް އިރަކު ކުރެއްވި ކުއްޖެއް ނޫން ކަމުގައި ވިދާޅުވެފައެވެ. އެހެންކަމުން ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީން ފެތުރި އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން މެޑަމް ސާޖިދާ ފާހަގަ ކުރައްވާފައިވެއެވެ.
މީގެއިތުރުން އެކަމަނާ ވަނީ، މަންދީއާއި، ފައްޔާޒު އަދި އެމްޑީޕީއާ ދެކޮޅަށް މި ހަފްތާގެ ތެރޭގައި ދައުވާ ކުރައްވަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ މައެއްގެ ހައިސިއްޔަތުން ކުރައްވަވާ ދައުވާއެއްކަން ވެސް އެކަމަނާ ފާހަގަ ކުރައްވާފައިވެއެވެ.



