ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު އަކީ ވޭޕް ބޭނުންކުރާ ކުއްޖެއް ނޫން ކަމަށާއި ދުންފަތުގެ އިސްތިއުމާލުވެސް އެއްވެސް ވަރަކަށް ކުރާ ކުއްޖެއް ނޫން ކަމުގައި، މެޑަމް ސާޖިދާ ވިދާޅުވެއްޖެއެވެ.
ފަސްޓްލޭޑީ ސާޖިދާ މިހެން ވިދާޅުވެފައިވަނީ، ދަރިކަލުންނާ ގުޅިގެން ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން މިއަދު ނެރުއްވެވި ބަޔާނެއްގައެވެ. ރައީސް މުޢިއްޒުގެ އާއިލާގެ ފަރާތުން މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު ވަނީ އެބަޔާން އިއްވަވާދެއްވާފައެވެ.
އެގޮތުން މެޑަމް ސާޖިދާ ވިދާޅުވީ، އުމައިރުއާ ބެހޭގޮތުން މިދެތިން ދުވަހު އެކި ފަރާތްތަކުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައިވެސް ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ. އެގޮތުން ފަތުރަމުންދާ ވާހަކަތަކުގެ ތެރޭގައި އުމައިރަކީ ވޭޕްބޭނުންކުރާ ކުއްޖެއް ކަމުގައިބުނެ ފަތުރާފައިވާ ދޮގުވާހަކަތަކެއް ހިމެނޭކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
”މިފުރުޞަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއްނޫންކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން“ މެޑަމް ސާޖިދާ ވިދާޅުވެފައިވެއެވެ.
ރައީސްގެ ދަރިކަލުންނާ ބެހޭގޮތުން މިފަދަ ވާހަކަތަށް ފަތުރާފައިވަނީ އެމަނިކުފާނާ ސިޔާސީ ގޮތުން ޚިޔާލުތަފާތު އެކި ފަރާތްތަކުންކަން ފާހަގަ ކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ މިފަދަ ވާހަކަތަކުގެ ތެރޭގައި އެކަމަނާގެ ދަރިފުޅުގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ފަތުރާފައި ކަމަށެވެ. އަދި މިކަންތައްތަކުގެ ސަބަބުން އެ ދަރިފުޅުގެ މުޅި މުސްތަޤްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުޞަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރައްވާ ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
އެހެންކަމުން ރައީސްގެ އަނބިކަނބަލުން ވަނީ މިވާހަކަތަށް ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އާއި އެޕާޓީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް މަދަނީ ޝަރީޢަތުގައި ދައުވާ ކުރައްވަން ނިންމަވާފައެވެ.
އެ ދައުވާއަކީ މަންމައެއްގެ ހައިސިއްޔަތުން ކުރައްވަވާ ދައުވާއެއްކަން ރައީސްގެ އަނބިކަނބަލުންގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.




