ދެ ރަށެއްގައި ސަރުކާރު އިމާރާތްކުރަން ނިންމާފައިވާ ޤުރުއާނާއި ބެހޭ މަރުކަޒު ޤާއިމުކުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.
އެ މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޤުރުއާނާ ބެހޭ މަރުކަޒު އިމާރާތްކުރަން ނިންމާފައިވާ ދެ ރަށަކީ ލ.މައިބައިދޫ އާއި ޅ.އޮޅުވެލިފުށި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޤުރުއާނާ ބެހޭ މަރުކަޒުތަކުގައި 3 ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭނެ ކަމަށެވެ.
މި ދެ މަރުކަޒުގެވެސް މަސައްކަތް ނިންމާ ހަވާލު ކުރުމަށް އެއްބަސްވެފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ށ.ފޯކައިދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމަށް ފެނަކަ ކޯޕަރޭޝަނާއިއެކު ސޮއި ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނޭނެ ކަމަށެވެ. މި މަޝްރޫޢު ފެނަކައާ ހަވާލުކޮށްފައި ވަނީ900 ދުވަހުން ނިންމާ ހަވާލުކުރާ ގޮތަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި ދެ މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު އެވެ.



