ޤައުމީ އެއާލައިންސް މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫން ބެންގަލޫރަށް ފެށުމަށް ހަމަޖެހިއްޖެއެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން ހިންގާ ފަރާތް ކަމުގައިވާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހަނިމާދޫން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 15 މެއި 2025 އިން ފެށިގެން ކަމަށާއި ނަމަވެސް މާދަމާއިން ފެށިގެން ޓިކެޓު ބުކިންގް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މި ދަތުރުތައް ފެށުމުގެ ބޭނުމަކީ، ރާއްޖޭގެ އުތުރުގައި މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުން ކަމުގައި އައިއޭއެސްއިން ބުނެފައިވެއެވެ.
އުތުރުގެ ސަރަހައްދުގައި މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން އިގްތިސާދީ ގޮތުން ވެސް އެ ސަރަހައްދަށް އިތުރު ކުރިއެރުން ފެންނާނެ ކަމަށާއި ހަމައެއާއެކު އިންޑިއާއިން އަންނަ ޓޫރިސްޓުންނަށް ވެސް އެ ސަރަހައްދުގެ ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް ފަސޭހަމާ އެކު ދެވޭނެކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން އައިއޭއެސް އިން ބުނެފައިވަނީ، ހަނިމާދޫން ބެންގަލޫރަށް ހަފްތާއަކު ދެ ފްލައިޓް ދާނެ ކަމަށާއި އެއީ އާދީއްތަ އަދި ބުރާސްފަތި ދުވަސް ކަމުގައެވެ.




