7 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ކުޅިވަރާއި ބެހޭ މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައި ވަނީ ބ.ކަމަދޫ އާއި ދ.މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ނިންމައި ޅ.ކުރެންދޫ ދަނޑުގެ ލައިޓް ހަރު ކުރުމަށެވެ. އަދި ބ. ކެންދޫ، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށްވެސް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ.
ކަމަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 4.7 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބުނެފައިވާއިރު މަސައްކަތް ނިންމަން ޖެހެނީ 60 ދުވަހުގެ ތެރޭގައެވެ.
އަދި މާއެނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދަނޑުގެ ޓާފް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު 6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގައި ކުޅިވަރާއި ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް މުޙައްމަދު ނަޖާހުއެވެ.




