ރާއްޖޭގެ 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއި މިއަދު ހަވާލުކޮށްފިއެވެ.
އެ ތިން ކުންފުންޏަކީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރްޑީސީ އެވެ.
ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.
އެގޮތުން މި އަމާޒަށް ވާސިލުވުމަށްޓަކައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ ”މަގޭ ސާފު ރާއްޖެ ޕްރޮގްރާމް“ގެ ތެރެއިން މިއަދު ވަނީ 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ ކޮންޓްރެކްޓްތައް ހަވާލުކޮށްފައެވެ.
ޓުއަރިޒަމް މިނިސްޓްރީން މިއަދު ބުނީ މިދިޔަ ހަފްތާގައި 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެންކަމުން މިއަދު ސޮއި ކުރި 75 ރަށާއެކު ޖުމަލް 109 ރަށެއްގެ ވޭސްޓް މެނޭްޖްމަންޓް އިންފްރާސްޓްރަކްޗާ ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކާއި ހަވާލުކުރެވިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
އެ މިނިސްޓްރީން ބުނީ މި 75 ރަށުގެ އިތުރުން ބާކީ ހުރި ރަށްތަކުގައި ވަނީ މިދިޔަ އަހަރުތަކުގައި އެ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަކަށް ވޭސްޓް މެނޭްޖްމަންޓް އިންފްރާސްޓްރަކްޗާ ޤާއިމު ކުރެވިފައިވާ ރަށްތައް ނުވަތަ ޕްރޮކިއުމަންޓް މަރުހަލާގައިވާ ރަށްތައް ކަމަށެވެ.މިގޮތުން ރޭވިފައިވާ ގޮތަށް މި އަހަރުގެ ފަހު ކުއާޓާގައި ހުރިހާ ރަށްތަކެއްގައިވެސް މި މަސައްކަތް ނިންމާލެވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ރަށްރަށުގައި ޤާއިމުކުރެވޭ ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމަށް ބޭނުންވާ އިކުއިޕްމަންޓާއި ކުނި އުފުލާނެ އުޅަނދު ފޯރުކޮށްދެވިފައި ނުވާ ރަށްތަކަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.


