ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޑަގިރި ފަޅުގައި ދެ މަތިންދާބޯޓު ފެއްތުމަށްފަހު، އެތަނުގައި ޑައިވް ސައިޓެއް އިއްޔެ އިފްތިތާހު ކޮށްފިއެވެ.
އެޗްޑީސީން ބުނީ މި ޑައިވް ސައިޓު ތަރައްޤީ ކުރަނީ ކުޑަގިރިއަަށް ޒިޔާރަތްކުރާ މީހުންނަށް ޚާއްސަކޮށް ކަމަށެވެ.
”ދޫނިއަރ ރެކް“ ގެ ނަން ދީފައިވާ އެ ޑައިވް ސައިޓަށް ފައްތާފައިވަނީ އެއާމޯލްޑިވްސް އިން ކުރިން ބޭނުންކުރި ޑޯނިއަރ 228 ގެ ދެ މަތިންދާބޯޓެވެ. އޭގެތެރެއިން އެއް މަތިންދާބޯޓަކީ އެއާމޯލްޑިވްސްއިން އެންމެ ފުރަތަމަ ގަން އެއާކްރާފްޓްތަކުގެ ތެރެއިން އެއް އެއާކްރާފްޓް ކަމުގައި ވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
ޑައިވް ސައިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެޗްޑީސީން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާވެސް ގުޅިގެންކަން އެ ކޯޕަރޭޝަނުން ފާހަގަ ކޮށްފައިވެއެވެ.

ކުޑަގިރި ފަޅުތެރެއަށް އެ ދެ މަތިންދާބޯޓުތައް ފައްތާފައިވަނީ އެމްޓީސީސީގެ ބާޖެއްގައި ގެންގޮސްގެނެވެ. އަދި ބޯޓުތައް ފައްތާފައި ވަނީ ބަރު ހަރުކޮށްގެން މޫދުގައި ހުންނާނެ ގޮތަށެވެ.
މި ތާރީޚީ މަޝްރޫޢު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެވަޑައިގެންނެވިއެވެ.
ކުޑަގިރިއަކީ ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުން ޗުއްޓީ ހޭދަކޮށްލުމަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކޮށްފައިވާ ރަށެކެވެ.




