ރޯޑް ޑުވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އަބަދުވެސް މަސައްކަތް ކުރާނީ، ސަރުކާރުން އިސްކަންދޭ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމަން ކަމުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރް ވިދާޅުވެއްޖެއެވެ.
އެމްޑީ ޒުހައިރު މިހެން ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖް ކުރުމުގެ މަރުކަޒުތައް ޤާއިމުކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓުވަރިޒަމް އެންޑް އެންވަޔަރަމަންޓް އާއި އާރްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ރޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޒުހައިރު ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރާނީ ސަރުކާރުން ބުނާ ގޮތަށް، ބުނާ މިންގަނޑު ތެރޭގައި ބުނާ ދުވަހަކަށް މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ.
”އާރްޑީސީން އަބަދުވެސް މަސައްކަތް ކުރާނީ ސަރުކާރުގެ ޕްރައޯރިޓީ އޮންނަ މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމާ، ޑެލިވަރ ކޮށްދިނުމަށް“ ޒުހައިރު ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑީ ޒުހައިރު ވިދާޅުވީ ސަރުކާރުން ހަވާލުކުރާ މަސައްކަތްތައް ކުރާނީ މިހާރުވެސް އެ ކުންފުނިން ކުރަމުންދާ މަގު ހެދުމުގެ މަސައްކަތްތައް ވެސް ކުރަމުން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 24 ރަށެއްގެ ވޭސްޓް އެންޑް ރިސޯސް މެނޭޖް ކުރުމުގެ މަރުކަޒުތައް ޤާއިމު ކުރުމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެރަށަކާއި އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމެއް ގާއިމް ކޮށްދެއްވާނެކަމަށް އިއުލާނު ކުރައްވާފައެވެ.



