މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައި މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކަށް އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރު ހިނގި މި ހާދިސާގައި ގެސްޓުހައުސްގެ ތެރެއިން ފެނުނު މީހާގެ މޫނާއި ހަށިގަނޑު ވަނީ ބޮޑެތި އަނިޔާތަކެއްދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.
“ސައުވީސް“ އަށް މަޢުލޫމާތު ދެމުން ފުލުހުން ބުނ މި މައްސަލައިގައި ތުހުމަތުކުރެވޭ 23 އަހަރުގެ ފައުޒާން ޒަރީޒު/ކ.ތުލުސްދޫ، މިދިޔަ އަހަރު ނޮވެމްބަރު 21 ގައި ވަނީ ބަންދުން ދޫކޮށްލާފައި ކަމަށެވެ.
ފުލުހުން ބުނީ އޭނާ ބަންދުން ދޫކޮށްލީ ހައްޔަރު ކޮށްފައިވާ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ އާއި މިދިޔަ އަހަރު ސެޕްޓެމްބަރު 25 ގައި ޑްރަގް ކޯޓުން ދެ އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާތީ އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނާ ހަވާލު ކުރުމަށް ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުވާ ދެވަނަ މީހާ އަހްމަދު މާޒިން އިބްރާހިމް، 23، މއ. ވޮއްކޮޅުގެއާގެ، ވެސް ވަނީ ބަންދުން ދޫކޮށްލާފައި ކަމަށެވެ. ފުލުހުން ބުނީ އޭނާ ދޫކޮށްލީ މި މަހުގެ 6 ވަނަ ދުވަހު ގޭ ބަންދަށް ކަމަށެވެ. ގޭ ބަންދަށް އޭނާ ދޫކޮށްލާފައި ވަނީ ބޭސްފަރުވާ ހޯދަން ނޫން ގޮތަކަށް ބޭރަށް ނުދިއުމަށާއި މޮނިޓަރިން ޓެގް އެޅުވުމުގެ ހުއްދަ ދިނުމާއި މައްސަލައިގެ ހެކިންނާ މުއާމަލާތް ނުކުރުމަށް ޝަރުތު ކުރުމަށްފަހު ކަމަށް ފުލުހުން “ސައުވީސް“ އަށް މަޢުލޫމާތުދެމުން ބުނެފައި ވެއެވެ.




