ނޯޓިސް ހަމަވިއިރުވެސް ޕްރޮޖެކްޓު ނުނިންމުމުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.
އެޗްޑީސީން މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖާހު އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި ”ދަ ގާޑަންސް“ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ފަރާތަށް އިތުރުކޮށްދެވުނު މުއްދަތުގައި އެފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، އެކޯޕަރޭޝަނާއި ޖާހު އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް ދިނުމަށް، އެޗްޑީސީގެ ބޯޑުން ނިންމައި، އެ ނޯޓިސް ވާނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
އަދި އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓްގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާފައިވާތީ، އެ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓްގެ އަތުން ނަގާނެކަން އެފަރާތަށް އަންގާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
”ދެންނެވުނު މުއްދަތުގެ ތެރޭގައި، މި ކޯޕަރޭޝަނުން ފޮނުވާފައިވާ ޤާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ، އެފަރާތާއި މި ކޯޕަރޭޝަނާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް 16 މާރިޗު 2025 ގައި އެ ކުންފުންޏަށް ވަނީ އަންގާފަ“ އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެޗްޑީސީން ބުނެފައިވަނީ އެ އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ހިފާފައިވާ ފަރާތްތަކާއެކު އެޗްޑީސީން ހިއްސާކުރާނެ ކަމަށެވެ.
އެޗްޑީސީން މި ފިޔަވަޅު އަޅާފައިމިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައިކަން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.



