އެމްޑީޕީއިން ބޭއްވި މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ، އެ ކުއްޖާއާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ޢާންމު ތަނެއްގައި ފެތުރުމާ ގުޅިގެން ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީއިން އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީއިން ކޮންމެ ރެއަކު ބާއްވަމުންދާ ”އެމްޑީޕީ ކުއްލި ބައްދަލުވުން“ މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަންދީ ޒުބައިރު ދެއްކި ވާހަކައެއްގެ ސަބަބުން މައުސޫމް ކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާ ކަމަށް ބުނެ، ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީއިން ނެރުނު ނޫސްބަޔާނުގައި މިކަން ކުށްވެރިކޮށް ބުނެފައި ވަނީ ސިޔާސީ ވާދަވެރިކަމެއް ކިތަންމެ ބޮޑަށް އޮތް ނަމަވެސް އަދި ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ކިތަންމެ ފާޑުކީ ކަމުގައިވީ ނަމަވެސް އެއްވެސް ފަރާތަކުން ކުޑަކުދިންނާއި ގުޅޭގޮތުން އެފަދަ ވާހަކައެއް ދައްކާ ކުދިންގެ ޙައްގާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތަހައްމަލު ކުރެވޭނެ އަދި ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއާއިއެކު އެޖަމިއްޔާއިން ވަނީ މި މައްސަލައަކީ ސީރިއަސް ކުށެއްގެ ގޮތުގައި ބަލައި، މަންދީ ޒުބައިރުގެ މައްޗަށް ދަޢުވާ އުފުލުމަށާއި މި މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ކޮމިޝަނަރ އޮފް ޕޮލިސްއަށް ގޮވާލާފައިވެއެވެ.
މީގެއިތުރުން، މި ހަރަކާތް އިންތިޒާމުކުރި ފަރާތާއި، އެ ވާހަކަ ދެއްކި ފަރާތުގެ ޒިންމާދާރުކަން ކުޑަ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި މައްސަލައަށް ތަދައްޚުލުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ސޮސައިޓީއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީއިން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.


