ޕިއްޒާއަކީ ވެސް ގިމަ ބަޔަކަށް ވަރަށް ކަމުދާ ލުއިކާނާ އެކެވެ.
ޚާއްސަކޮށް އެކިއެކި ޚަފްލާތަކާއި ޕާޓީތަކުގައިވެސް ކާމޭޒުމަތީގެ އެއް ބައިވެރިއަކަށް ޕިއްޒާ ހުރުމަކީ މިފަހަކަށް އައިސް ލާޒިމު ކަމެކެވެ.
މިފަހަރު މި ކިޔައި ދެނީ ޕިއްޒާގެ ބަދަލުގައި ތައްޔާރުކޮށްލެވޭ، ނަމަވެސް އެ ކެޓަގަރީއަށް ފެތޭ، ޕިއްޒާ ރޯލްސް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
▪︎ 250ގ. ފުށް
▪︎ 1 މޭޒުމަތީ ސަމުސާ ބަޓަރ
▪︎ 1 ސައިސަމުސާ ހިކިކިރު
▪︎ 1 ސައިސަމުސާ ހަކުރު
▪︎ 2 ސައިސަމުސާ ޔީސްޓް
▪︎ 2 ފިޔާ ހިމުންކޮށް ކޮށާފަ
▪︎ 1 ޖޯޑު ޕީލްޑް ޓޮމާޓޯ
▪︎ 1/3 ސައިސަމުސާ މުގުރި އަސޭމިރުސް
▪︎ 1/2 ސައިސަމުސާ އަޖިނަމޮޓޯ
▪︎ 1 ދަޅު މަސް
▪︎ 1 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފަ)
▪︎ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
– އެންމެ ފުރަތަމަ ފުށާއި، ޔީސްޓް، ބަޓަރ، ކިރު އަދި ހަކުރު އެއްކޮށްފައި ތާފެނާއި ފެނުން ފުށްގަނޑެއް މޮޑެލާނީއެވެ.
– ފުށްގަނޑު މޮޑެވުމުން، މަތި ބަންދު ކޮށްފައި ދެ ގަޑީރެއްހާއިރު ބާއްވާށެވެ.
– ދެން ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮފޮދެއް އަޅާ، ތެޔޮފޮދު ހޫނުވުމުން ފިޔާކޮޅު އަޅާ މީރުކޮށްލާށެވެ.
– އެއަށްފަހު މަސް، ޕީލްޑް ޓޮމާޓޯ، އަޖިނަމޮޓޯ، ލޮނު އަދި އަސޭމިރުސް އެއްކޮށް އަޅާފައި އެތަކެތި ރޯފިލުމުން އުނދުންމަތިން ބާލާށެވެ.
– އެއަށްފަހު ފުށްގަނޑު ހަތަރު ބައިކޮށްލުމަށްފަހު ފުށްގުޅައެއް ދަމާފައި އޭގެ މަތީގައި މަސްގަނޑު ފަތުރާލާށެވެ.
– ދެން މަސްގަނޑުގެ މައްޗަށް ޗީޒް އެޅުމަށްފަހު އޮޅާލާށެވެ.
– އެއަށްފަހު 1/2 އިންޗި ހުންނަ ވަރަށް ކަފާލާށެވެ.
– އަވަން °120 އަށް ލާފައި 5 ވަރަކަށް މިނެޓު ވަންދެން ހޫނުކޮށްލަން ބަހައްޓާށެވެ.
– ދެން ޓްރޭގައި ބަޓަރުކޮޅެއް ހާކާލާފައި ޕިއްޒާ ރޯލްސްތައް އަތުރާލުމަށްފަހު އަވަނުން ފިހެލާށެވެ.




