ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވެސް ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ވާހަކަ ދައްކަމުން މަންދީ ވަނީ، ރާއްޖޭގައި ވޭޕް ބޭނުންކުރުން ރައީސް މުޢިއްޒު މަނާ ކުރައްވަން ނިންމެވީ އެމަނިކުފާނުގެ ދަރިކަލުން އެކަން ކުރެއްވުމުން ކަމަށް ބުނެ ތުހުމަތު ކޮށްފައެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ ގުޅޭގޮތުން މަންދީ ދެއްކި އެވާހަކަތަށް ސިޔާސީ އިސްބޭފުޅުންނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ކުށްވެރިކޮށް، ކުޑަކުދިންގެ ކަރާމާތަށް އަސަރު ނުކުރާނެ ގޮތަށް އެއްވެ އުޅުމުގެ ޙައްޤުތަށް ބޭނުން ކުރުމަށް ގޮވާލާފައެވެ.
މިކަމާ ގުޅޭގޮތުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ވާހަކަ ދައްކައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އޭގެ މަންޒަރާއި އަޑު ދައްކާފައިވާތީ އެކަން އެ އޮފީހުން ކުށްވެރިކުރާ ކަމަށެވެ.
މީގެއިތުރުން އެހާދިސާ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނެސް، މައްސަލަ ގާތުން ބަލަމުންގެންދާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން ރައީސް މުޢިއްޒުގެ އާއިލާގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވަނީ، މަންދީ އަށާއި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީއަށް މަދަނީ ޝަރީޢަތުގައި ދައުވާ ކުރައްވަން ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިއީ މައެއްގެ ހައިސިއްޔަތުން އެކަމަނާ ނިންމެވި ނިންމެވުމެއް ކަމަށް ވެސް ހާމަކުރައްވާފައިވެއެވެ.




