ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މަސައްކަތްތައް ހަވާލުކޮށްފައިވާ ތިން ރަށަކީ ކ. ދިއްފުށި،ހއ. މުރައިދޫ ށ. ބިލެއްފަހީގެއެވެ
ކުޅިވަރާއި ބެހޭ މިނިސްޓްރީން ވަނީ ދިއްފުއްޓާއި މުރައިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކާއި، ބިލެއްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ޤާއިމްކުރުމަށް އެމްޓީސީސީއާ އެކު ސޮއި ކޮށްފައެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ދިއްފުށީގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނައި ފެންސުޖެހުމުގެ މަސައްކަތާއި، ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުން ހިމެނެއެވެ. މި މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބުނެފައި ވާއިރު މިި މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
މުރައިދޫ ފުޓްބޯޅަ ދަނޑުގެވެސް ވަށާފާރާއި ދަނޑުގެ ފެންސުޖެހުމުގެ މަސަައްކަތް ފުރިހަމަކުރުމާއި ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައްވެސް ހޯދުން ހިމެނެއެވެ. މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބުނެފައި ވާއިރު މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
މީގެ އިތުރުން ބިލެއްފަހީގައި އެޅުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު މިއީ 4.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.



