ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން މަޖިލީހަށް އަނބުރާ ފޮނުއްވުމާ ގުޅިގެން، އެ ބިލު މަޖިލީހުން ބޭރުކުރުމަށް ގިނަ މެންބަރުން ގޮވާލާއިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ގައި ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި މި ބިލު، އެ ދުވަހު މަޖިލީހުން ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ތަޅުމަށް ފޮނުވައި ފާސްކޮށްފައިވީ ނަމަވެސް ރައީސް ޑރ. މުޢިއްޒު ވަނީ މިދިޔަ ހަފުތާގައި ބިލު ތަސްދީޤު ނުކުރައްވައި އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލާ ގުޅޭގޮތުން ބަހުސްކޮށްފައިވާއިރު، ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވަނީ ބިލު އަލުން ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް، އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ސަރުކާރު ޕާޓީގެ ބައެއް މެންބަރުން ވަނީ މި ހުށަހެޅުމާ ދެކޮޅު ހައްދަވާފައެވެ.
އެގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި ބިލު ފާސްކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެކަން އޭރުވެސް ފާހަގަކޮށްފައިވާކަމަށާއި ބިލު ކޮމިޓީއަށް ފޮނުވުމަކީ އެހެން މައްސަލަތަކެކޭ އެއްފަދައިން މި މައްސަލަވެސް ނުނިމި ލަސްކުރުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެފައިވާ ގޮތުގައި މި ބިލު ފާސްކުރެވިފައިވަނީ އަވަސްއަރުވާލައިގެންނެވެ. އަދި މިފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދިނުމަށް މަޖިލީހުން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަނާރާ ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ފާހަގަކުރައްވާފައިވާ ގޮތުގައި މި ބިލަކީ ޤާނޫނުއަސާސީއާއި ޚިލާފު ބިލެއް ކަމަށް ޤާނޫނީ ދާއިރާގެ ފަރާތްތަކުން ދެކެއެވެ. އަދި ބިލު ކޮމިޓީއަށް ފޮނުވުމަށް ތާއީދު ނުކުރައްވާކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ މިހާރުން މިހާރަށް ބިލު ބާޠިލުކުރަން ޖެހޭ ކަމަށެވެ.
މި ބިލާ ގުޅޭގޮތުން ޤާނޫނީ ދާއިރާގެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބާ ކައުންސިލުން ރައީސްއަށް ފޮނުވި ސިޓީއެއްގައި މި އިޞްލާޙު ހުށަހެޅި ސަބަބާއި އޭގެ މަޤްޞަދު ސާފުކޮށް އެނގެން ނެތްކަން ފާހަގަކޮށް ބާ ކައުންސިލުން ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުވައި އިޞްލާޙުކުރުމަށް އެދިފައެވެ.
މި ބިލާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ، ބިލު މުޅިން އުވާލުމަށް ނުވަތަ ބޮޑެތި އިޞްލާޙުތަކަކާއެކު އަލުން އެކުލަވާލުމަށް ގޮވާލައްވާފައެވެ.




