ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުޙައްމަދު ފަޒީން މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަޒީންގެ މި ނިންމުން އައިސްފައި ވަނީ، ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވި، އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުންދަނިކޮށެވެ.
ފަޒީން ވަނީ މި ތުހުމަތުތައް ދޮގުކޮށް އިންކާރުކުރައްވާފައެވެ.
ފަޒީންގެ އިސްތިއުފާގެ ސިޓީ މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ހުށަހަޅުއްވާފައިވާއިރު، މި ސިޓީގައި ފަޒީން ވިދާޅުވީ ބްރޯޑްކޮމްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު އަދި ވަކި ފަރާތަކަށް ނުޖެހި އަދާކުރުމަކީ މިވަގުތު ކުރެވެން ނެތް ކަމެއްކަމަށް ދެކޭތީ، އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެހެންނަމަވެސް، ފަޒީން އިތުރަށް ވިދާޅުވެފައި ވަނީ ނޫސްވެރިކަމަށް އަމާޒުވާ ހަމަލާތަކުން ދިފާއުކުރުމާއި، މިނިވަން އަދި ޑިމޮކްރެޓިކް މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި ކުރިއަށް ދެމިހުންނާނެ ކަމަށެވެ.
ފަޒީން ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެވުނީ 2021 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. މީގެ ކުރިން އޭނާ މަސައްކަތް ކުރައްވާފައިވަނީ ނޫސްވެރިއެއްގެ ގޮތުގައެވެ.



