ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާ މެދު އަލުން ވިސްނަން މަޖިލީހަށް ފޮނުވާލައްވާފައިވާތީ، އެ ބިލް އަލުން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ރިޔާސަތުން ވަނީ އެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީ އިއްވާފައެވެ.
އެ ބިލް އަލުން ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު،އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
އެގޮތުން އެ ބިލު އިސްލާހުކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވީ 50 މެންބަރުންނެވެ. އަދި ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 7 މެންބަރުން ވޯޓު ދެއްވިއެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ނަމަވެސް މި ބިލު ވަނީ މި މަހުގެ 11 ވަނަ ދުވަހު ތަސްދީޤުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.



