ކުޑަކުދިންގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓު ފޮނުވަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
ބްރޯޑްކޮމް އިން މިގޮތަށް އެދިފައި ވަނީ އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައެވެ.
ބްރޯޑްކާސްޓަރުން އަމަލުކުރަން އެކުލަވާލާފައިވާ ހަމަތަކާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން އެދި ކުޑަކުދިންނާ ގުޅޭ މައުލޫމާތުތައް ފެތުރުމުގައި ސަމާލުކަން ދޭން އެ ސާކިއުލާގައި ވަނީ އެދިފައެވެ.
އެ ބަޔާނުގައި ވަނީ ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ރާއްޖޭގެ ޤާނޫނުތަކާއި އިޖުތިމާޢީ މިންގަނޑަށާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭގޮތަށް ހުންނަ ކޮންޓެންޓް ކަމުގައި ހަދަން އިލްތިމާސްކޮސްފައެވެ.
މީގެެ އިތުރުން ބްރޯޑްކޮމްގެ ބަޔާނުގައި ވަނީ ވަކިން ޚާއްސަކޮށް ’ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން’ގެ ހަމަތަކާ އެއްގޮތަށް ކުޑަކުދިންގެ ކަރާމާތާއި އަބުރުވެރިކަން ނުގެއްލޭ ގޮތަށް ކޮންޓެންޓު ފޮނުވުމަށް ބްރޯޑްކާސްޓަރުން ސަމާލުވުމަށްވެސް ހަނދާންކޮށްދީފައެވެ.


