ދިވެހި ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމާ ގުޅޭ ގޮތުން ބައެއް މައްސަލަތައް ފާހަގަވެފައިވާތީވެ، އެ މައްސަލަތައް އިތުރަށް ތަޙްޤީޤު ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފިއެވެ.
އެޗްޑީސީން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު، އެއް ބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ އެޗްޑީސީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަން އިތުރަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން، ”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާ ގުޅޭގޮތުން ޚާއްޞަ އޮޑިޓެއް ކުރެވުނު ކަމަށާއި، އެ އޮޑިޓުން އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަޙްޤީޤު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
އެޗްޑީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ބަލައި، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން އާންމުންނަށް އަރުވާ ކަމަށެވެ. އަދި އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.




