ޔަހޫދީ އިޒްރޭލު ސިފައިން ޣައްޒާގައި އަނެއްކާވެސް ހަނގުރާމަ ފަށާ، ވައިގެ ގިނަ ހަމަލާތަކެއް ރޭގައި ދޭން ފަށައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލުގެ މި ވައިގެ ހަމަލާތަކުގެ ސަބަބުން މިހާރުވެސް ޣައްޒާއިން 200 އަށްވުރެ ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންކަން ވެސް ރިޕޯޓުތަކުން ފާހަގަ ކޮށްފައިވެއެވެ.
މިހަަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ ވައިޓްހައުސްގެ ޕްރެސް ސެކްރަޓަރީ ކެރޮލިން ލީވިޓް ބުނެފައިވަނީ، އިޒްރޭލުން ޣައްޒާއަށް މި ހަމަލާތައް ދޭން ފަށާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މަޝްވަރާ ކުރުމަށްފަހު، ޓަރަމްޕުގެ ލަފާގެ ދަށުން ކަމަށެވެ.
އެގޮތުން ހަމާސްއާ ހޫތީންގެ އަމަލުތަކަށް އެމީހުންނާ ޣައްޒާއާއި ޔަމަނު، އަގު ދައްކަން ޖެހޭނެކަމަށް ޓްރަމްޕު ބުނެފައިވާކަމަށް ކެރޮލިން ބުންޏެވެ.
އިޒްރޭލުން ޣައްޒާއަށް އަނެއްކާވެސް ހަމަލާ ދޭން ފަސާފައިމިވަނީ، ހަނގުރާމަ ހުއްޓާލާފައިވާކަން މިދިޔަ ޖެނުއަރީ މަހު އެއްބަސްވުމަށް ފަހުގައެވެ.
އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ މަރުހަލާ ދެ ޤައުމުގެ ފަރާތުން ވެސް ފުރިހަމަ ކޮށްފައިވާއިރު، ދެވަނަ މަރުހަލާ ކަމުގައިވާ ދާއިމީކޮށް އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވުމާމެދު އިޒްރޭލުން ވަނީ ދެކޮޅު ހަދައި، މަޝްވަރާ ބައްދަލުވުމަކަށް ދާން ވެސް ދެކޮޅު ހަދާފައެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ހަމާސް ޖަމާއަތުން ބުނެފައިވަނީ، އިޒްރޭލުން ދީފައިމިވަނީ މަކަރުވެރި ހަމަލާއެއް ކަމަށާއި އެއްބަސްވުމާ ޚިލާފުވުމުގެ ޒިންމާ ނަގަން ޖެހޭނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ”ނާޒީ ޒަޔަނިސްޓް އޮކިއުޕޭޝަނުން“ ކަމަށެވެ.




