އެމެރިކާއިން ހަމަލާދެނީ ހޫތީންނަށް ކަމަށާއި ޔަމަނަށް ނޫން ކަމަށް، އަދި ހޫތީން ތިބީ ޔަމަނުގައި ކަމުގައި އެމެރިކާގެ ސެކްރަޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނެފިއެވެ.
ޔަމަނަށް އެމެރިކާއިން ދެމުންގެންދާ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެގެންދާތީ ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނީ އެކަމާ ނުރުހުންފާޅުކޮށް، އެ ހަމަލާތައް ހުއްޓާލަން ގޮވާލައިފައެވެ.
އެމެރިކާގެ އެ އަމަލުތައް ދިފާއު ކުރަމުން ފޮކްސް ނިއުސްއަށް ދިން އިންޓަވިއު އެއްގައި މާކޯ ބުނީ އެމެރިކާއިން ޔަމަނަށް ބޮން އަޅަނީ ކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ. އަދި އެމެރިކާއިން ހަމަލާދެނީ ޔަމަނަށް ނޫން ކަމަށާއި އެއީ ހޫތީންނަށް ދޭ ހަމަލާތަކެއް ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ. އަދި ހޫތީން ތިބީ ޔަމަނުގައި ކަމަށްވުމާއެކު އެ ޤައުމަށް ބޮން އަޅަން ޖެހުނީ ކަމުގައި ވެސް މާކޯ ބުނެފައިވެއެވެ.
މީގެއިތުރުން މާކޯ ބުނީ އެ ހަމަލާތައް ދޭން ފެށީ ހޫތީން ރަތް ކަނޑުގައި ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި ކަމަށެވެ. އަދި ހޫތީންގެ ސަބަބުން މީހުންނަށް އެމޭޒަން ކަހަލަ ތަންތަނުން ވިޔަފާރި ކުރެވެން ދަތިވެފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
”އެމީހުން އަހަރުމެންގެ ނެވީ މަނަވަރުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި، މި ހަމަލާތައް ދޭން ފަށާފައިމިވަނީ“ މާކޯ ބުނެފައިވެއެވެ.
މާކޯގެ އެވާހަކަތަކުގައި ހޫތީން އެމީހުން ދެމުންގެންދިޔަ ހަމަލާތައް މިދިޔ ޖެނުއަރީ މަހު ހުއްޓާލިކަން ހާމަކޮށްފައެއް ނުވެއެވެ. އިޒްރޭލުން ޣައްޒާއަށް ދެމުންގެންދިޔަ ނިރުބަވެރި ހަމަލާތައް ހުއްޓާލަން އެއްބަސްވުމާއެކީ ހޫތީން ވަނީ އެމީހުންގެ ހަމަލާތައް ވެސް ހުއްޓާލާފައެވެ. އަދި އިޒްރޭލުން ޣައްޒާގެ ބޯޑަރުތައް ބަންދު ކޮށްގެން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ނުގެނެސްފިނަމަ، ހަމަލާތައް އަލުން ދޭން ފަށާނެ ކަމަށް ހޫތީން ބުނި ވާހަކަވެސް މާކޯ ހާމަކޮށްފައެއް ނުވެއެވެ.



