ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދޭ ޕްރޮގްރާމްްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ މިއީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް(އެމްއެމްއާރްއައި)ގެ ފަރާތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ކ. މަނިޔަފުށީގައި ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
އެގޮތުން ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކަށާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އެ އިންސްޓިޓިއުޓުގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ 15 ބައިވެރިން ނަގަން ހަމަޖެހިފައިވާ މި ޕްރޮގްރާމަށް އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ،މި ޕްރޮގްރާމްގައި ބައިވެރިކުރާނެ 15 ބައިވެރިން ހޮވާނީ ފޯމު ހުށަހެޅި ތަރުތީބުން ކަމަށެވެ.
މި ޕްރޮގްރާމް ބާއްވަން ހަމަޖެހިފައި ވަނީ މި ފެށޭ އެޕްރީލް މަހުގެ 26ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 8ވަނަ ދުވަހާއި ހަމައަށް ކަަމަށާއި މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 އޭޕްރިލް 2025 ވަނަ ދުވަހުގެ 14.00ގެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރެެވެ.
އެހެންކަމުން އެ ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން އެދިފައި ވެއެވެ.
މިޕްރޮގްރާމްގައި އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ.



