ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ދެނެގަތުމަށް އެ މިނިސްޓްރީން ދަފްތަރެއް އެކުލަވައިލަން ނިންމާފައިވާ ކަމަށެވެ.
އެ ދަފްތަރަށް މައުލޫމާތު ނެގުމަށް ހަމަޖެހިފައި ވަނީ މި ވަގުތު ދަނޑުވެރިކަމުގައި، ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކުގެ އިތުރުން ވިޔަފާރި އުސޫލުން ކުދިޖަނަވާރާއި ކުކުޅު ގެންގުޅޭ ފަރާތްތަކާއި ވިޔަފާރި އުސޫލުން ގަސް ހައްދާ ފަރާތްތައް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ހަމައެހެންމެ މި ދަފްތަރުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތައްވެސް ހިމަނާނެ ކަމަށް އެ ވުޒާާއިން ހާމަކުރެއެވެ.
ނަމަވެސް އެ ދަފްތަރުގައި މި ވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ. މީގެ އިތުރުން މިކަމާ ގުޅުންހުރި އިތުރު މައުލޫމާތު އެ ވުޒާރާއަށް މެއިލް ކުރުމުން ލިބޭނެ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީީ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އަންނަ މަހުގެ 10 ކުރިން އެ މިނިސްޓްރީގެ މެއިލްއަށް info@agriculture.gov.mv ފޯމު ހުށަހެޅުމަށް އެދިފައެވެ.



