މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހެދި މައްސަލާގައި އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެ، މާލޭ ސިޓީ ކައުންސިލުން އެ ތަން ނަގައިފިއެވެ.
ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ އިއްޔެ މާފަންނު ސަރަހާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާ ފޮޓޯ އިއްޔެ އާންމު ކުރެއްވުމުން އާއްމުންގެ ގިނަ ބަޔަކު ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ފޮޓޯއިން ދޮންވެލި އަޅައި ވަށައިގެން ވެލިބަސްތާ ޖަހައިގެން އެތަން ބައިބަލާ ކުޅެން ތައްޔާރުކޮށްފައިވާތަން ފެނިގެންދެއެވެ.
މިއާއިއެކު ގިނަ ބަޔަކު ވަނީ ސަހަރާގައިވާ ގަބުރުތައް ނެގުމަށްފަހު އެތަން ކުޅިވަރު ކުޅެން ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ މީސްމީޑިއާގައި މާލެ ސިޓީ ކައުންސިލަށް މިކަމުގައި ފާޑު ކިޔާފައެވެ. އަދި ބައެއް ދީނީ އިލމުވެރިންް ވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ.
މިއާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ މާފަންނު ސަހަރާގައި ބައިބަލާ ޕްރެކްޓިސް ކުރަން ހެދި ތަން ވަނީ އެއްކޮށް ނަގައިފަ އެވެ.
މިކަމާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހެދުމަށް ހުއްދަ ދީފައިވަނީ މާފަންނުގައި ބައިބަލާ ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމުންނެވެ. އަދި މިއީ ވަގުތީ ގޮތުން ދީފައިވާ ހުއްދައެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެހެންނަމަވެސް ފަހުން އާޒިމް ވިދާޅުވީ މާފަންނު ސަހަރާ ހުރި ބިމުގައި ކުޅިވަރު ކުޅޭ ތަނެއް ހަދައިގެން ބަޔަކު އުޅެނީ ސިޓީ ކައުންސިލުގެ ހުއްދައާ އެކު ނޫން ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.



