ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު މާދަމާވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފިއެވެ.
ޖޭއެސްސީން ފޮނުވާފައިވާ ޗިޓްގައިވާ ގޮތުން އެ ދެ ފަނޑިޔާރުން ހާޒިރުކުރަނީ 2022 ވަނަ އަހަރުގައި ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ”ހުތުރު ބަހުން“ އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައިގައެވެ.
އެހެންކަމުން ސުއޫދާ އެއްގޮތަށް ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީން އޮތީ ނިންމާފައެވެ.
ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ، ބަންދު އަމުރަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ މިދިޔަ ހަފްތާގައިވެސް ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ކުރަން ނެރުނު އަމުރަކަށް ނުފޫޒު ފޯރުވިކަމަށް ބުނެއެވެ. އެ ތުހުމަތުތަކަށްވެސް އެ ދެ ފަނޑިޔާރުން ވަނީ އިންކާރު ކުރައްވާފައެވެ.



