ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރަމަޟާންމަހާ ދިމާކޮށް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް ކުޑަކުދިންނާ ހިމެނޭހެން 400 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި މިފަދަ އަނިޔާވެރި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް ބަލާއިރުވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް ބުނެފައި ވަނީ މި ރަޙުމުކުޑަ ހަމަލާތައް ހިންގަމުންދަނީ އިސްލާމީ އުއްމަތުގެ މާތްވެގެންވާ ރަމަޟާންމަހުގައި ކަމަށްވާތީ، ރާއްޖެއިން ވަނީ މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެއިތުރުން، މިފަދަ ދަނޑިވަޅެއްގައި ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމުގައި ރާއްޖެއިން އަބަދުވެސް ދަނީ ފަލަސްތީނުގެ ޙައްޤުގައި އަޑުއުފުލަމުންނެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވެސް އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ޢަމަލުތައް ނިމުމަކަށް ގެނައުމަށް ރާއްޖެއިން ދަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ.



