ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު(ވީއައިއޭ)ގައި ތަރައްޤީ ކުރަމުން އަންނަ އައު ޓަރމިނަލަށް ޒިޔާރަތް ކުރައްވައި، އެ ޓަރމިނަލު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބައްލަވާލައްވައިފިއެވެ.
މި ޓަރމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓަރމިނަލެކެވެ.
ރައީސް މުޢިއްޒުގެ މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ވީއައިއޭ އެއަރޕޯޓަށް ރައީސް ވަޑައިގެންނެވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓަރމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ، އައު ޓަރމިނަލުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަޞީލަތްތަކާއި ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު ރައީސްއަށް ދެއްވާފައެވެ.



