ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަށްފަހު އިޒްރޭލުން އިއްޔެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކަކީ ހަމައެކަނި ”ފެށުން“ ކަމުގައި އިޒްރޭލުގެ ނުބައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި އިޒްރޭލުން ވަނީ ޣައްޒާގެ 400 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންކަން ބޭރުގެ ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.
އެ ހަމަލާތަކާ ގުޅިގެން ނަތަންޔާހޫ ބުނީ އެއީ އަދި ހަމައެކަނި ފެށުން ކަމަށާއި ހަމާސް ޖަމާޢަތުގެ އެންމެން ޝަހީދު ކުރުމަށްފަހުއާއި ހަމާސްގެ ހައްޔަރުގައި ބާކީ ތިބި އިޒްރޭލު ސިފައިން މިނިވަން ނުކުރަނީސް މިފަހަރު ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ހަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައި އަދިވެސް އެތައް ބަޔަކު ތިބި ކަމަށާއި އެހެންކަމުން ޝަހީދުވި މީހުންގެ އަދަދު މިހާރު ހުރި އަދަދަށްވުރެ އިތުރުވުން ގާތްކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޣައްޒާއަށް އެހީތެރިވުމުގެ ގޮތުން އެކި ޤައުމުތަކުން ފޮނުވަމުންދާ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކުގެ ތަކެތި ވެސް ޣައްޒާއަަށް ވެއްދުން އިޒްރޭލުން ވަނީ މީގެ ދެ ހަފްތާ ކުރިން ހުއްޓުވާފައެވެ.
މީގެއިތުރުން ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަން ދޫކޮށް ސަލާމަތީ އެހެން އައްސޭރިތަކަށް އަނެއްކާވެސް ހިޖުރަކުރަން ޔަހޫދީން ވަނީ ގޮވާލާފައެވެ. ނަމަވެސް އިޒްރޭލުން ގެންދަނީ އެ ސަރަހައްދުތަކަށް ވެސް ވައިގެ މަގުންނާއި ބަޑީގެ ހަމަލާތައް ވެސް ދީ ”ސަލާމަތީ އައްސޭރީގެ“ ރައްކާތެރިކަން ވެސް ނިގުޅައިގަންނަމުންނެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދެމުންގެންދިޔަ ހަމަލާތަކާ ގުޅިގެން މިހާތަނަށް އެ ޤައުމުން 48،577 މީހުން ޝަހީދުވެ، 112،041 މީހުން ޒަހަމްވެފައިވާ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.



