ސުޕްރީމް ކޯޓުން ސަސްޕެންޑު ކުރި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އޭނާ ސަސްޕެންޑުކުރި މައްސަލަ އ.ދ އަށް ހުށަހަޅައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަޒްމިރާލްދައާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު އަދި މަހާޒް އަލީ ޒާހިރުވެސް ސަސްޕެންޑު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ.
ސަސްޕެންޑު ކުރި ފަހުން ފަނޑިޔާރު ހުސްނު ސުއޫދުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ސަސްޕެންޑުކުރި މައްސަލަ އޭނާގެ ފަރާތުން ވަނީ އ.ދ އަށް ހުށަހަޅުއްވާފައެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން އޭނާގެ ވަކީލު އިބްރާހިމް ޝަމީލު އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ އިޖުރާތްތަކާ ގުޅިގެން ޔޫއެން ސްޕެޝަލް ރެޕަޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔަރޒްއަށް އިއްޔެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
”މީގެ އިތުރުން އެމްބަސީތަކާއި ހައި ކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަތައް ސަމާލުކަމަށް ގެނެސްފައިވާނެ އެވެ“ ވަކީލު ޝަމީލު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީން މިހާރު ބަލަން ނިންމާފައިވަނީ ތިން މައްސަކައެކެވެ.
އެއީ:
° އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފްގެ ބަންދަށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތަކުގެ މައްސަލައަކާއި
° ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދެއްކި މަޖިލީހެއްގައި އަޒްމިރާލްދާ އިންނެވި މައްސަލައިގެ އިތުރުން
° އަޒްމިރާލްދާގެ ފަރާތުން ނޫސް ބަޔާން ނެރުއްވާތީ ބަލަމުންގެންދާ އިތުރު ސުލޫކީ މައްސަލައެކެވެ.
އަޒްމިރަލްދާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކުގެ އިތުރު އަޑު އެހުމެއް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.


