ކިންގްޑަމް އޮފް ޑެންމާކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ޤީލާ އަލީ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ޤީލާ އަލީ ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރުމަށް ފާސްކޮށްފައި ވަނީ ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ޑެންމާކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ޤީލާ އަލީ ހޮވުމަށް މަޖިލީހުން ނިންމީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ތައްޔާރުކުރި ރިޕޯޓާ މެދު މަޝްވަރާކުރުމަށް ފަހުގައެވެ.
ކޮމިޓީ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަދެއްކެވުމުގައި، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުޤައްރިރު ފާހަގަކުރެއްވި ގޮތުގައި، ފަހަކަށް އައިސް މަޖިލީހުން ހުއްދަ ދީފައިވާ ހުރިހާ ނޮން-ރެސިޑެންޓް ސަފީރުންނަކީވެސް ދާއިމީ މަންދޫބުން ނުވަތަ އެހެން ޤައުމުތަކަށް ކުރިން ޢައްޔަނުކޮށްފައިވާ ސަފީރުންނެވެ.
ޑެންމާކަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް މަޖިލީހުން މިއަދު ޤީލާ ހޮވާފައިވާއިރު އޭނަ އަކީ ރާއްޖެއިން ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުރި ސަފީރެވެ.



