މުހިންމު މަގާމުތަކަށް ތަޖުރިބާހުރި ބޭފުޅުން އައްޔަނު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫޤް ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައިކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓު މިއަދު މަޖިލިސް ތަޅުމުގައި އިއްވަވައިދެއްވަމުންނެވެ.
އެގޮތުން ފަނޑިޔާރު ޝަހީދުއަކީ އެ މަގާމަށް ގާބިލު ބޭފުޅެއްކަން ފާހަގަ ކުރައްވަމުން އަޒާން ވިދާޅުވީ، މުހިންމު މަގާމުތަކަށް ތަޖުރިބާހުރި ޢިލްމީ ބޭފުޅުން އައްޔަނު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައެވެ.
”ހަމައެގޮތަށް ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އެކިއެކި އިދާރާތައް ހަރުދަނާކޮށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ހިންގޭނެ ގޮތް ގާއިމް ކުރުމަކީ ވެސް ހަމަ އެހާމެ މުހިންމުކަމެއް“ އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ ޤައުމުތައް ތަރައްޤީވަމުން އަންނަ ގޮތާ ގުޅޭގޮތުން މިހާތަނަށް ހެދިފައިހުރި ދިރާސާތަކުން ދައްކާގޮތުގައި، ޤައުމުތައް ތަރައްޤީވަނީ ހަމައެކަނި ލިބިފައިހުރި ޤުދްރަތީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތަކުން އެކަންޏެއް ނޫން ކަމަށެވެ. އޭގެއިތުރުން އެ ޤައުމުތަކުގައި ހުންނަ އެކިއެކި މުއައްސަސާތަކުގެ މިނިވަންކަމަކީވެސް ޤައުމުތައް ތަރައްޤީވުމުގައި އެހީތެރިކަމެއް ލިބިދޭ ކަމެއް ކަމުގައި ދިރާސާތަކުން ދައްކާ ކަމަށެވެ.




