ގެދޮރުވެރިޔާ ސްކީމްގެދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ލިސްޓަށް މިހާތަނަށް ހުށަހަޅައިފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު އަންނަ މަހުގެ މި 15އާ ހަމައަށް ވަނީ ހުޅުވާލާފައި ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައި ވެެއެވެ. ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި މީހުންނަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.
”ކުރީ ސަރުކާރުން ނެރުނު ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލިއިރު، އެ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކާއި ޝަރުތު ހަމަނުވާކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުން އެކި ލިޔުންތައް ޕޯޓަލްއަށް ހުށަހަޅާފައިވޭ“ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި،ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ހައްލު ހޯދައިދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
ހައުސިން މިނިސްޓްރީން ވަނީ އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފުސީލާއެކު ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.
ގެދޮރުވެރިޔާ ސްކީމަށް ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ މައުލޫމާތު މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅައިގެން ހޯދޭނެއެވެ.




