ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު،ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަން ކުރައްވައިފިއެވެ.
ފަނޑިޔާރު ޝަހީދު އެ މަޤާމަށް އައްޔަނުކުރައްވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.
މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު ޙުސައިން ޝަހީދާ ހަވާލުކުރައްވާފައެވެ.
މި މަޤާމަށް އައްޔަނު ކުރެެއްވުމާއި ހަމައަށް ޝަހީދު ހުންނެވީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުގައެވެ. ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.



