އިނގިރޭސިވިލާތުން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތާއެކު ސްޓެލްކޯ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕަށް ކުރިމަތިލާން އެ ކުންފުނިން މިރޭ ހުޅުވާލައިފިއެވެ.
ސްޓެލްކޯ އިން ވަނީ އިނގިރޭސިވިލާތުގައި ބެޗްލަރސް ޑިގްރީ ހާސިލް ކުރުމަށް ތިން ފުރުސަތެއް ހުޅުވާލާފައެވެ. އެއީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ޖާގައާއި މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދެ ޖާގައެވެ.
މި ސްކޮލަޝިޕްތަކުގެ ޖާގައަށް އެދި އުމުރުން 24 އަހަރުން ދަށުގެ ދަރިވަރުންނަށް ހުށަހެޅޭނެ ކަމަށެވެ.
އެގޮތުން މި ޖާގަތަކަށް އެދެވޭނީ ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ އޭސްޓަރ އަދި އޭއެއް ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް ފަރާތްތަކަށް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ކޯސްތައް ފުރިހަމަކުރާ ދަރިވަރުން ކޯސް ނިންމުމަށްފަހު ޚިދުމަތް ކުރަންޖެހޭނީ ސްޓެލްކޯއަށެވެ. އަދި ކޯސް ފެށުމުގެ ކުރިން އެ ކުންފުނީގައި އިންޓަރންޝިޕް ހަދަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ސްޓެލްކޯއިން ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީ އާއި ސްޓައިޕަންޑާއި ވިސާ ފީ އާއި ދެކޮޅު ޓިކެޓާއި ބުކް އެލަވެންސް އަދި އެސްޓަބްލިޝްމަންޓް އެލަވެންސް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ފަރާތުން މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ.



