މިއީ ކަށުކަމާކެމީގެ މަސައްކަތް ކުރަމުންދާ ތުރުކީ މީހަކު ކިޔައިދީފައިވާ ވާހަކައެކެވެ.
”އަހަންނަކީ މަރުވެފައިވާ ފިރިހެނުންގެ ހަށިގަނޑު ދޮވެ ހިނެވުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އެކަމުގައި އަހަންނާއެކު އިތުރު ތިން މީހަކު ވެސް ބައިވެރިވިއެވެ.
އެގޮތުން އެއްދުވަހަކު ގެނައި ހަށިގަނޑެއްގެ ވާހަކައެވެ. އެއީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެންދާނެ ހާދިސާއެއް ނޫނެވެ. ހަމަގައިމުވެސް އެ ހަށިގަނޑުގެ ވާހަކައިން ގިނަ ބަޔަކަށް އިބުރަތްތަކެއް ލިބިގެންދާނެތީ މިވާހަކަ ހިއްސާލޮށްލަން އަހަރެން ނިންމީމެވެ.
އެންމެ ފުރަތަމަ ވެސް، އެ ހަށިގަނޑު ބާއްވައިފައި އޮތް ކޮޓަރި ތެރެއަށް އަހަރެން ވަންއިރު ފެނުނީ އެ މީހާގެ އާއިލާ މީހުން ރޯ މަންޒަރެވެ. އެމީހާގެ ހަށިގަނޑު އެއިރު އޮތީ ސަންދޯކެއް ކަހަލަ ދިގު ފޮއްޓަކަށް ލާފައެވެ.
ހިނެވުމުގެ މަސައްކަތް ފެށުމަށްޓަކައި ކޮޓަރިން ބޭރަށް ނުކުތުމަށް އަހަރެން އެ އާއިލާ ގާތު އެދުނީމެވެ. އެމީހުން ބޭރަށް ދިޔުމުން އަހަންނާއި ދެން ތިބި ތިން މީހުން، މަރުވެފައިވާ އެ މީހާގެ ހަށިގަނޑު ހިނެވުމަށް ތައްޔާރުވާން ފެށީމެވެ.
އެއްކޮށް ތައްޔާރުވެ ނިމުމުން އެހަށިގަނޑު ހިނެވުމަށްޓަކައި ފޮށީގެ މަތިގަނޑު ހުޅުވައިލީމެވެ. އެވަގުތު އެ ފޮށީ ތެރެއިން ދުވީ އޭގެ ކުރިން ދުވަހަކު ވެސް އަހަރެންގެ ނޭފަތުގައި ޖެހިފައި ނުވާ ފަދަ ނުބައި ކުނި ވަހެކެވެ. އޭނާ މަރުވިތާ ގިނަ ވަގުތުތަކެއް ނުވި ކަމުގައި ވިޔަސް، ދުވަން ފެށި ވަހުން ހީވަނީ އޭނާ މަރުވެގެން ވަރަށް ގިނަ ދުވަސް ވެފައިވާހެންނެވެ.
އަހަންނާއެކު ދެން ތިބި ތިން މީހުން ގާތު އޭނާގެ ހަށިގަނޑު ފޮށީ ތެރެއިން ނަގައި، އެތަނުގައި ހުރި ދިގު މޭޒު މަތީގައި ބޭއްވުމަށް ބުނެ އަހަރެން ދިޔައީ އޭނާ ހިނެވުމަށްޓަކައި ފެން ބަލައެވެ.
އެވަގުތު އެތަނުގައި އާދަޔާ ޚިލާފު އެހެން ކަމެއް ވެސް ވިއެވެ. އެމީހާގެ ހަށިގަނޑު ބަރުކަމުން އެމީހުންނަށް އެހަށިގަނޑެއް ނުނެގުނެވެ. އަހަރެން ހައިރާންވިއެވެ. މަރުވެފައިވާ މީހާއަކީ ވަރަށް ހިކިކޮށް ހުރި މީހެކެވެ. އެހެންކަމުން އޭނާ އެހާ ބަރުވާންވީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އެމީހާއަށްވުރެ ހަށިގަނޑުން މާބިޔަ މީހުން ވެސް އަހަރުމެން ވަނީ އެއްވެސް އުނދަގުލަކާ ނުލައި ނަގައިގެން ހިނަވައިފައެވެ.
އިތުރު މީހުންގެ އެހީއާއެކު އަހަރުމެން އެހަށިގަނޑު ނަގައި، ހިނެވުމަށް މޭޒުމަތީގައި ބޭއްވީމެވެ. އަދި ހިނެވުމުގެ މަސައްކަތް ފެށީމެވެ.
އޭނާގެ ގައިގެ ހަންގަނޑު ފެނިފައި އަހަންނަށް އަނެއްކާ ވެސް އެހެން ކަމެއް ފާހަގަވިއެވެ. އޭނާއަކީ ގައިގެ ހަމުގެ ކުލަ ދޮން މީހެކެވެ. ނަމަވެސް އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް އަނދިރި ކޮށެވެ. އެއީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އެ ހަށިގަނޑުން ދުވި ނުބައި ވަހާއި އާދަޔާ ޚިލާފަށް ބަރުވުމުގެ އިތުރުން އޭނާގެ މޫނުމަތި އަނދިރިވެފައި ހުރުމުން އަހަންނާއި އަހަންނާއެކު މަސައްކަތް ކުރި މީހުން ވެސް ހައިރާންވިއެވެ.
ހިނަވާ ނިމުމުން އޭގެން އެކަކު އަހަރެން ކައިރިއަށް އައިސް ސުވާލު ކުރިއެވެ.
’އެއީ ކިހިނެއްވެފައިވާ ހަށިގަނޑެއް ހެއްޔެވެ؟‘ ޖަވާބުގައި އަހަރެން ބުނީ އަހަންނަށް ވެސް ނޭނގޭ ކަމަށެވެ.
ހިނަވާ ނިމިގެން އެކޮޓަރިން ނުކުތްއިރު އަހަންނަށް އެމީހާގެ އާއިލާގެ މީހުން އެތަނުގައި މަޑުކޮށްގެން ތިބިތަން ފެނުނެވެ. އެމީހާގެ ހަށިގަނޑުގެ އަޖައިބުކަމާއި އެމީހާ ދުނިޔޭގައި އުޅުނު ގޮތާ ބެހޭ ގޮތުން އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންކަމުން އޭގެން އެކަކަށް ގޮވައި، ކައިރިއަށް އައުމުން އަހަރުމެންނަށް ތަޖުރިބާ ކުރެވުނު ކަންތައްތައް ކިޔައިދީ، އޭނާއަކީ ދުނިޔެމަތީގައި އުޅުންއިރު ކިހިނެއް އުޅުނު މީހެއްކަން ކިޔައިދެވިދާނެތޯ އަހަރެން އެމީހާ ގާތު ސުވާލުކުރީމެވެ. އޭނާގެ އާއިލާގެ މީހާ ދިން ޖަވާބު އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.
އާއިލާ މީހާ ބުންޏެވެ. އެ ފިރިހެން މީހާ ދުވަހަކު ވެސް ނަމާދެއް ނުކުރެއެވެ.“



