އައްޑޫސިޓީ މީދޫ މަތިކިޅީގެ ބޮޑު ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު ގާތްގަނޑަކަށް 12 ގަޑިއިރު ފަހުން އެއްކޮށް ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 11:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެރަށުގައި ތިބި އިންޑިއާ މީހުންނާއި މީދޫ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ބޭފުޅުން، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ކަމަށް މީދު ކައުސިލަރު އައިމިނަތު ޞާލިޙާ ރޭ ”ސައުވީސް“ އަށް މައުލޫމާތު ދެއްވާފައިވެއެވެ.
އެގޮތުން އިއްޔެ ހެނދުނުން ފެށިގެން އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވަމުންދިޔަ ކަމަށާއި ނަމަވެސް އެ ސަރަޙައްދަކީ 83 ހެކްޓަރުގެ ބޮޑު ސަރަހައްދަކަށްވުމާއި، އެތަނުގެ ބޮޑުބައެއްގައި ރޯވެފައިވުމުން އިއްޔެ ހަވީރާ ހަމައަށްވެސް އަލިފާންގަނޑު ކޮންޓްރޯލުވެފައި ނުވާ ކަމަށް ޞާލިހާ ރޭގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވީ ގިނަ މީހުން ތިބީ ރޯދައަށް ކަމަށްވުމާއެކު، އެމީހުން ވަރުބަލިވެގެން އެވަގުތު މަސައްކަތް ހުއްޓާލަން ޖެހުނުކަމަށާއި އިތުރު ބައެއްގެ އެހީތެރިކަން ހޯދުމަށް ގަމުގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސަސްއަށް ގުޅައި އެމީހުންގެ އޮފިސަރުން އަލިފާންގަނޑު ނިއްވާލުމުގައި އިތުރަށް އެހީތެރިވުމަށް މީދޫއަށް ގޮސްފައިވާ ކަމަށް ވެސް ޞާލިހާ ވިދާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅޭ އަދާހަމައެއް މިއަދު “ ސައުވީސް“ އަށް ދެއްވަމުން ޞާލިހާ ވިދާޅުވީ ރޭ 10:40 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އަދި މިިހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ޞާލިހާ ވިދާޅުވިއެވެ.




