ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ ފަރާތްތަކާއި އަތޮޅުތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން އިއްޔެ ބުނީ އެފަދަ ފަރާތްތަކުގެ ރެޖިސްޓްރީ އެކުލަވާލަން ނިންމީ އެ ފަރާތްތަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ގަވާއިދުން ޓެސްޓްތައް ހެދުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އަންނަ އޭޕްރިލް މަހު އެކަކުން ފެށިގެން ނ. އަދި ށ. އަތޮޅުގެ ރަށްތަކުގައި އެ ރަޖިސްޓްރީ އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ހެލްތުން ބުންޏެވެ. އަދި އެހެނިހެން އަތޮޅުތަކުގައިވެސް ކުރިއަށް އޮތް ތިން މަސް ތެރޭގައި މަސައްކަތް ފަށަން ރާވަމުންދާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
”އަދި މި ހިދުމަތް ތަންފީޒު ކުރުމަށްޓަކައި .ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައިވާއިރު، ބޭނުންވާ ބޭހުގެ ލިސްޓް އަދި ބަލީގެ ޓެސްޓްތައް ހަދާ، ކޮންޓިނިއު ކުރެވޭނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފަ“ ހެލްތުން ބުނެފައިވެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް ގައިންގަޔަށް ނާރާ، އެހެންނަމަވެސް ނުރައްކާތެރި ބަލިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ކެންސަރާއި، ހަކުރު ބަލި އަދި ހިތުގެ ބަލިތައް ފާހަގަކޮށްލެވެއެވެ.




