މިފަހަރުގެ ފިތުރު އީދާ ދިމާކޮށް މޯލްޑިވިއަން އިން އަތޮޅު ތެރޭގެ 11 ރަށަކަށް އިތުރު 30 ދަތުރު ކުރަން ނިންމައިފިއެވެ.
އެގޮތުން ޤައުމީ އެއާލައިން މޯލްޑިވިއަންއިން ބުނީ، އީދު ބަންދާ ދިމާކޮށް ދަތުރުތައް އިތުރު ކުރަނީ، ޑިމާންޑަށް ބަލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ދަތުރުތައް އިތުރު ކުރަން ޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންއިން މިވަގުތު އެންމެ ގިނަ ދަތުރުތައް ކުރަން ނިންމާފައިވަނީ ގަމަށެވެ. އެގޮތުން މި މަހުގެ 29 އިން ފެށިގެން އޭޕްރީލް މަހުގެ 5 ވަނަ ދުވަހަށް އާންމު ޝެޑިއުލްގެ ބޭރުން ގަމަށް 8 ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަންއިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން ފުވައްމުލަކަށް ފަސް ދަތުރު އިތުރަށް ކުރާ އިރު ހދ. ހަނިމާދޫ އާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ހއ. ހޯރަފުއްޓާއި ށ. ފުނަދޫ އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދޫ އާއި ގދ. މާވަރުލާއި ގދ. ފަރެސްމާތޮޑާ އާއި ގއ. ކޫއްޑޫ އަށް ވެސް މޯލްޑިވިއަންގެ ދަތުރުތައް ކުރަން ވަނީ ނިންމައިފަ އެވެ.
ޑޮމެސްޓިކް ދަތުރުތައް އިތުރު ކުރި އިރު މޯލްޑިވިއަން އިން ވަނީ އީދާ ދިމާކޮށް ބ އަތޮޅަށް ސީޕްލޭންގެ ދަތުރުތައް ވެސް ފަށަން ނިންމައިފަ އެވެ. އެ އަތޮޅު ފުޅަދު އާއި ފެހެންދޫ އާއި ގޮއިދޫއަށް ހާއްސަކޮށް ދަތުރުތައް ކުރަން ނިންމާފައިވާ އިރު އެ ދަތުރުތައް މި މަހުގެ 31 ގައި ފަށާނެކަމަށް ޤައުމީ އެއާލައިނުން ބުނެފައިވެއެވެ.



