ދިވެހި ރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނުގައި ބުނީ މި މަޤާމަށް ކުރިމަތި ލެވޭނީ މިހާރުވެސް ހައިކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށް އެކަނި ކަމަށެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިއްޔެ އައްޔަން ކުރެއްވުމުންނެވެ. އެހެންކަމުން ޖޭއެސްސީން ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި، އެ ކޯޓުގެ ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައެވެ.
ހައިކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓަށް އިސްފަނޑިޔާރަކު ހޮވަން ހަމަޖެހިފައި ވާއިރު، އެ ކޯޓު ހިންގުން ވަގުތީ ގޮތުން މިއަދުން ފެށިގެން ހަވާލުކޮށްފައި ވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ އަސާސީ މުސާރައަކީ މަހަކު 47،000ރ. ކަމުގައި ބުނެފައި ވާއިރު އެ ކޯޓުގު ފަނޑިޔާރަކަށް ލިބޭނީ 45،700 ރުފިޔާއެވެ. މީގެ އިތުރުން، 18,000 ރުފިޔާގެ ލިވިން އެލަވަންސްއަކާއި 3,300 ރުފިޔާގެ ރިސްކު އެލަވަންސްއެއްވެސް އިސް ފަނޑިޔާރު އަދި ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މުސާރަ އާއި ފައިސާގެ އިނާޔަތުގެ އިތުރުން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް އެ ދެ މަޤާމަށްވެސް ދޭނެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު12:00 އާއި ހަމައަށެވެ.
އަދި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި ފެށޭ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވެފައިވާ މީހަކު ކަމުގައި ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ.



