މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ރޭ ދަންވަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރައްވަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، ގެއެއް ބަލައިފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ މިންވަރަކުން އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.
އިމިގްރޭޝަންގެ މުވައްޒަފުންގެ މައްސަލައެއް ތަހުގީގުކޮށް، ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު، އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން މުހައްމަދު ޝަމްއާން ވަހީދު ވެސް ވަނީ ރޭގައި މަގާމުން ވަކިކޮށްފައެވެ. އޭނާ މަޤާމުން ވަކި ކުރީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ކަމަށް ”ސައުވީސް“ އާއި ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.




